ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާ ލުއިފަސޭހަކޮށް، "މޯލްޑިވްސް 2.0″ އިސްނެގުމުގެ ދަށުން އައު ނިޒާމަކަށް އަމަލުކުރަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ހާމަކުރި ގޮތުގައި، ކުރިން ވިސާ އިތުރުކުރުމަށް 9 ލިޔުމެއް ހުށަހަޅަންޖެހެއެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު، ހުށަހަޅަން ޖެހޭނީ ހަމައެކަނި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެކެވެ. މި ބަދަލާއެކު، ކުރިން 5 ދުވަސް ހޭދަވި މި މަރުހަލާ މިހާރު 48 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެއެވެ.
ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހަމައެކަނި ހާއްސަ ހާލަތްތަކުގައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެއީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގައި އެކަންޏެވެ. މީގެއިތުރުން، ވިސާއާއެކު ކަނޑައެޅިފައިވާ ޝަރުތުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.
މި ލުއިތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން، ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ފަތުރުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ޔެކިޔުންތައް މަދުކުރި ނަމަވެސް، ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ހަރުދަނާކަމާއެކު ބަލަމުންދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.