އަމާޒަކީ ނޮވެމްބަރުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުން: އިހުސާން

big_1L489Mx3BmVKPjqfGiv6jorzN

އަމާޒަކީ ނޮވެމްބަރުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުން: އިހުސާން

SHARE

އަމާޒަކީ ނޮވެމްބަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތެއް ގާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ހދ. ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އެ މަސައްކަތް ފެށްޓެވުމަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ 91 އަހަރުވީ ތާރީހުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫއަކީ ފުލުހުންގެ ހިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

"މި މަސައްކަތުގައި އަޅުގަނޑުމެންގެ ދެ ތިން އަމާޒެއް އެބަވޭ. ފުރަތަމަ އަމާޒަކީ މި ވަގުތު ފުލުހުންގެ ހިދުމަތް ގާއިމްވެފަ ނެތް ހުރިހާ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ހިދުމަތް ގާއިމްކުރުން. މާނައަކީ ރައީސް ޑރ. މުޢިއްޒު ހުވާކުރެއްވި އިރު ގާތް ގަނޑަކަށް 86 ރަށެއްގަ ފުލުހުންގެ ހިދުމަތް ގާއިމްވެފަ ނެތް. އަމާޒަކީ މި އަހަރުގެ ނޮވެމްބަރު އަންނަން ވާއިރަށް ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވުން" މިނިސްޓަރު އިހުސާން

ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އަމާޒަކީ މިހާރު ގާއިމްކުރަމުންދާ ފުލުހުންގެ މަރުކަޒުތައް މި ދައުރުގެ ތެރޭގައި ނިންމުންކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ފުލުހުންގެ ހިދުމަތް ދެމުންގެންދިޔަ 100އަށް ވުރެ ގިނަ ރަށްރަށުގައި އެ ހިދުމަތް ދެމުން އައީ އާންމު ހިދުމަތެއް ދެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

"ހާއްސަކޮށް ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދެވޭ ވަރުގެ އިންފްރާސްޓްރަކްޗަރެއްގައެއް ނޫން. އެދޭވޭ ތަންތަނުގައި ނޫން ގޮތަކަށް ހިދުމަތް ދިނީމަ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރުވެސް އެހާ ރަނގަޅެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވަމުންގެންދަވާ އިރުޝާދަކީ ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް، ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުން" މިނިސްޓަރު އިހުސާން

މީގެ އިތުރުން މިނިސްޓަރު ވަނީ ކްރައިމް ޕްރިވެންޝަންގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.