ދަނާލުގައި ނިޔާވި ޒުވާނާގެ މެސެޖްތަކަށް ފުލުހުން ޖަވާބުނުދޭކަމަށް ކިޔާ ހަބަރަކީ ދޮގެއް ކަމަށާއި އޭނާގެ މެސެޖުތަކަށް ފުލުހުން ޖަވާބުދިން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، އެރޭ 8:40 ގައި އޭނާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 8:53: އޭނާ އިތުރު ދެ މެސެޖު ކުރިކަމަށާއި އޭގެ ތެރެއިން އެއްމެސެޖުގައި، އޭނާ ރަނގަޅު ކަމަށް ބުނި ކަމަށެވެ. އަދި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށާއި 12:38 ގައި "އައިއެމް ގޯން" ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 12:41 ގައި ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބުދިން އިރު އެއީ އެރޭ ކުރި އެންމެ ފަހު މެސެޖު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ބުލީކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި، އެކަންކަމަކީ ޖިނާއީ ދައުވާ އުފުލޭނެ ފަދަ ކަންކަމަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވި އެވެ. މަސައްކަތުގެ މާހައުލާއި ތައުލީމީ މަރުކަޒުތަކުގައި މި ފަދަ ނޭދެވޭ އަމަލުތައް އިތުރުވަމުންދިއުމަކީ މުޖުތަމައުގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.