މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ އަދަދު އިތުރުކޮށްފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގްރާމަކަށް 36.70 ގެ ރޭޓުން 595 ގްރާމަށްވާ، 21،836.50 ރުފިޔާ ކަމަށެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭރު ނިސާބަށް ކަނޑައަޅާފައިވަނީ 11,191.95 ރުފިޔާ އެވެ.
ޒަކާތު ހައުސް އިން ވަނީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއް ކަން ފާހަގަކޮށް، އެމީހެއްގެ މިލްކިއްޔާތުގައި ނިސާބުހަމަވާ މިންވަރަށް ފައިސާހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި ނެރުމަށް އެދިފައެވެ.
ނިޔޭގެ ބާޒާރުގައި ރިހީގެ އަގު އުފުލިއްޖެނަމަ ޒަކާތުގެ ނިޞާބު ބޮޑުވާނެއެވެ. އަދި ރިހީގެ އަގު ދަށްވެއްޖެނަމަ ނިޞާބު ކުޑަވާނެއެވެ. މި އަގުތައް ސާފުކުރަނީ މަރުކަޒީ ބޭންކް އެމްއެމްއޭ އިންނެވެ.ދިވެހިރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.