ތައުލީމާއި ފަންނީ އަދި ތަޖުރިބާހުރި ފެންވަރަށް ބެލުމަށް ފަހު ނޫނީ ސިޔާސީ ގޮތުން ވަޒީފާ ދިނުން ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު އިސްލާހުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތާއި،ސިޔާސީ މުވައްޒަފުން ހިމެނޭ ގޮތަށް މަސައްކަތަށް ފަރުވާތެރިނުވާ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ، މީގެއިތުރުން، ދެން ވަޒީފާތައް ދޭނީ ވަޒީފާއަށް އިއުލާނުކޮށް ފެންވަރަށް ބަލައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ނުގަވާއިދުން އެއްވެސް މީހަކަށް އެއްވެސް ވަޒީފާއެއް ދީފައިވާނަމަ، ވަޒީފާއިން ވަކިކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެއްވެސް ފަރާތަކަށް ކެމްޕޭނަކާ ދިމާކޮށް، ސިޔާސީ ގޮތުން ވަޒީފާ ދިނުން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި ވަނީ ބުނެފައި،"
ހަަމަމިއާއެކު ރައީސް ވިދާޅުވީ، ސްޓޭޓް މިނިސްޓަރަކު އައްޔަންކުރާއިރު އެންމެ ދަށްވެގެން މާސްޓަރސް ޑިގްރީއެއް އޮންނަން ޖެހޭނެ ކަމަށާއި،ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރާއިރު އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއެއް އޮތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ރައީސް ވަނީ، އިއުލާންކޮށްގެން، ކުރިމަތިލައިގެން، ސީވީއަށް ބަލައިގެން ނޫނީ ދެން އެއްވެސް ކުންފުންޏަކުން އަދި އެއްވެސް މިނިސްޓްރީއަކުން މުވައްޒަފުން ނުނަގާނެ ކަމުގެ ޔަގީން ކަން ވަނީ ދެއްވާފައެވެ.