ޗައިނާއާއިއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ވިޔަފާރިތަކަށް ހަރަކާތްތެރިވެވޭނީ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ،ހާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ސިޔާސަތުގެ ދަށުން ރެސްޓޯރެންޓް ވިޔަފާރިއަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭ ވިޔަފާރިއެއް ކަމަށެވެ.ނަމަވެސް، ފްރެންޗައިޒް ވިޔަފާރިތަކަށް ވަކި ޝަރުތުތަކެއްގެ ތެރެއިން އެ ފުރުސަތު ޗައިނާއަށް އޮންނާނެ ކަމަށް ސައީދު ވަނީ ފާހަގަކުރައްވާ ފައެވެ.
މެންބަރު އަމީން ކުރެއްވި ސުވާލަކީ،ރެސްޓޯރެންޓް ވިޔަފާރިއަކީ ބިދޭސީންނަށް މަނާ ވިޔަފާރިއެއް ނަމަވެސް، ޗައިނާގެ ކުންފުނިތަކަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ފުރުސަތު ދެނީ ކީއްވެތޯއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ މަޝްވަރާތަކުގައި އެކި ސިނާއަތްތަކުގެ ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުން އޮތް ކަމަށެވެ. ފެރެންޗައިޒް ވިޔަފާރިތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން، ޗައިނާ އަށް އެ ފުރުސަތު އޮންނާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.