އުމްރާ ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދޭ، މަގުބޫލު ޓްރެވެލް އެޖެންސީއެއް ކަމަށްވާ 'ޓްރެވެލާ' ނުވަތަ ' ދަތުރުވެރިޔާ' އެޖެންސީ އިން އައްޑޫ ސިޓީ ގަމުން ސީދާ ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
އެ އެެޖެންސީއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ،ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް ދަތުރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ، އެ އެޖެންސީ އިން ބުނީ މި ދަތުރުތައް ފަށާނީ މިއަންނަ ޖުލައި މަހުގައި ކަމަށެވެ. އެގޮތުން، މި ދަތުރުގެ ބުކިން އަށް ވަރަށް އަވަހަށް ހުޅުވާލާނޭ ކަމަށް ވެސް އެޖެންްސީ އިން ވަނީ އިއުލާނުކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަން އިން މައުލޫމާތު ދިން ގޮތުގައި، މި ދަތުރުތަކަށް ބޭނުން ކުރަނީ މޯލްޑިވިއަންގެ “ވައިޑް ބޮޑީ” މަތިންދާބޯޓު (A330)އެވެ.
މިއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ނޫން، އެހެން އެއަރޕޯޓަކުން ރާއްޖެއިން ސައުދީއަށް ސީދާ ދަތުރުކުރާ ފުރަތަމަ ފަހަރެވެ.މި ދަތުރުތައް ފެށުން ވެގެން ދާނީ ތާރީހީ ބަދަލަކަށެވެ.