ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ހަމަޖައްސަނީ

-

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ހަމަޖައްސަނީ

SHARE

ހިރިމަރަދޫ ކޮންމެ ރައްޔިތަކަށް އެއަތޮޅު ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ހަވީރު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާ އިރު، ކޮންމެ ގޯއްޗަކަށް ގޯއްޗެއްދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެއެއް އަޅުއްވައި ނިންމާނެކަމަށެވެ.

އިއްޔެ ހިރިމަރަދޫގައި އޮތް މި ބައްދަލުވުމުގައި ހަނިމާދޫއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގެވުމާއި، މުނިސިޕަލް ހިދުމަތްތައް ގާއިމްކުރެއްވުމުގެ ފްރޭމްވަރކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ މެންދުރު ފަހު ހދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގޯއްޗަކަށް ގޯއްޗެއް ލިބޭގޮތަށް 18 މަސްދުވަސްތެރޭ އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށް، އަޅައިދޭ ގޯތީގެ ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ހިޖުރަކުރާ ފަރާތްތަކަށް ފައިސާގެ ބަދަލެއްވެސް ދެއްވާނެކަމަށެވެ.

އަދި، ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގުބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައިދިނުމަށްކަމަށް މަނިކުފާނު ވިދާޅުވިއެވެ.

ރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން ހޭދަވާ ދޮޅު އަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.