އަނެކާގެ އަބުރު ކަތިލުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިނިވަންކަމާއި ޒިންމާތަކާ އެކު ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަ ކަމަށާއި، އަނެކާގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރާ ގައުމީ ދުވަހަކީ ގައުމާ މެދު ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ދުވަހެއް ކަމަށާއި، މި ގައުމު ކުރިއަށް ޖީލުތަކަށް އަމާންކަމާއި ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދަކަށް ވެސް އޮތް އަމިއްލަ ޒިންމާއާ މެދު ނަޒަރު ހިންގާލަން ޖެހޭ ކަމަށެވެ.
ގައުމީ ދުވަހާ ގުޅިފައި އޮތީ ދިވެހިވަންތަ ސިފަތަކާއި އެއްބައިވަންތަ ގުޅުންތަކެއް ކަމަށާއި، ގައުމު ކުރިއެރުވުމުގައި ދެން ވެސް ކުރިއަށް ނެރެން ޖެހެނީ ގައުމީވަންތަކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގައި ގައުމުގެ ކުރިއެރުމަށް ކުރަން ހުރި ކަންކަން ކުރެވުނަސް، ހަގީގީ ކުރިއެރުމަކީ ގައުމާ މެދު ކޮންމެ މީހަކު އަމިއްލަ އަށް އަދާކުރަން ޖެހިފައި އޮތް ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ މީހަކަށްވެސް އިއްޒަތާއި އަނބުރަކާއި ޝަރަފަކާ ލިބިފައިވާ ފަދައިން، އަނެއްކާއަށްވެސް ހަމަ އެވަރަށް އަނބުރާ އިއްޒަތާއި ޝަރަފު ލިބިގެންވާކަން ގަބޫލުކޮށް، މީގެކުރިން މުޖުމްތަމައުގައި އޮތް އެދަފަ ރީތި ސިފަތައް އަށަގަންނަން އަލުން މަސައްކަތްކުރަންޖެހޭކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެއްކާ އިއްޒަތާއި އަބުރާ ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަ އަހާ އެއްޗެއް ގަލަމުން ލިޔުމަކީ. އެހެންވީމާ، އަތާ ދޫ ރައްކާތެރިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް. މުސްލިމަކަށް ވީތީ އަދި އަމުދުން ވަރަށް މުހިންމު ވާޖިބެއް. އެ ވާޖިބު އަދާކުރުމުގެ އަޒުމު މިއަދާކުރުމަކީ، ގައުމީ ދުވަހު އެ ފާހަގަކުރާއިރު އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދޭންވީ ކަމަކީ، އެކަން އެގޮތުގައި ކޮށްފިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމަށް އުސްތަގުބަލު އެބައޮތް" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މިއަދު ފެނިގެންދަނީ، އެއާ މުޅިން ތަފާތު މަންޒަރެއްކަމަށެވެ. އެގޮތުން މިއަދުގެ މުޖުތަމައުއިން ފެނިގެންދަނީ އަނެކާގެ އިއްޒަތަށް ބެލުމެއް ނެތި އެކަށްކަށް ވުރެ އަނެކަކު ކުރިއަރައިގެންދާން ބޭނުންވާ މަންޒަރުކަމަށެވެ ދިވެހި ބަތަލުން ގައުމު ސަލާމަތްކޮށްދީ، މިހިސާބަށް ގެނައީ އެބޭނުމުގައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަނެއްކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ. އަނެއްކާ އެ ވަރިހަމަ ހަމަ ކޮންމެ ގޮތެއް ވިޔަސް. އެޔެއް ނޫން ދިވެހި ވަންތަކަމަކީ. މިއަދާ ހަމައަށް މާޒީގައި އަޅުގަނޑުމެން އަބްތާލުވެން ކުރި ޖިހާދުގައި މި ގައުމު ސަލާމަތްކޮށްގެން މިއަދާ ހަމައަށް ގެނައިން ބޭނުމަކީ އެއެއް ނޫން" ރައީސް ވިދާޅުވިއެވެ.