ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން، ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅު މިއަންނަ މެއި މަހުގެ ނިޔަލަށް ހިއްކާ ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 169 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކާ ނިމިފައިވަނީ 98 ހެކްޓަރު ކަމަށެވެ. ބާކީ ބައި ހިއްކައި ނިންމާލެވޭނީ އަންނަ މެއި މަހުގެ ނިޔަލަށް ކަމަަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްްވާފައެވެ.
މި މަޝްރޫއު ހިންގުމަށް، އެ ސަރަހައްދުގައި ބޮސްކާލިސްގެ ދެ ޑްރެޖަރެއް ކަމަށްވާ 'އޮރާންޖޭ' އާއި 'ކުވީން އޮފް ނެދަލެންޑްސް’ ހަރަކާތްތެރިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިން ހިއްކޭ މިންވަރަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.
ގިރާވަރުފަޅަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ހިއްކަމުންދާ ފަޅެކެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން، ކުރިން ގޯތި ކަނޑައެޅިފައިވާ ބައެއް ސަރަހައްދުތައް ބަދަލުވެ، އެ ފަރާތްތަކުގެ މެދުގައި އަލުން ގުރު ނެގުމުގެ މަސައްކަތް ދާދި ފަހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.